ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންގެ ތާއިދު ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި ލިބެމުންދާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިވި ދޮރުންދޮރަށް ހިންގެވުމުގެ ހަރަކާތް ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ތާއިދު ލިބުނުނަމަ އިންތިހާބު ކާމިޔަބު ކުރަން އެތައްތަނަކުން ފަސޭހަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ގިަނ ކަންތައްތަކެއް މިހާރުވެސް ކުރެވިއްޖެ ކަމަށާއި އެގޮތަށް ކުރެވުނު މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއްގެ ތާއިދު އެމަނިކުފާނަށް މިހާރުވެސް ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ޑިމޮކްރެޓްސްގެ ބޮޑު އަގުލަބިއްޔަތެއް މަސައްކަތް ކުރަން ނިކުމެ ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާތަނަށް މިކުރި މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާ އެކީގާ މަސައްކަތް ކުރަން މިހާރު ނިކުމެ އެބަތިބި. ގާތް ގަނޑަކަށް އަޅުގަނޑު ދަންނަވާނީ ހަމަ އެންމެންގެ ތާއިދު މިހާރު ލިބެމުން ދަނީ އޭގަ މިއިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެން އެބަދޭ މިހާރު،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު މާލޭގައި ދޮރުން ދޮރަށް ހިންގަވަނީ: ފޮޓޯ : އެމްޑީޕީ

ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއިދު ހޯދުމަށް އެމްޑީޕީން ވަނީ އެޕާޓީއާ ވެސް މަޝްވަރާ ކޮށްފަ އެވެ. ދެ ވަނަ ބުރުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައި ވަނީ މި މަހުގެ 28 ގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވާ ނަމަ އެ ޕާޓީއާ އެކު މަޝްވަރާ ކުރުމަށެވެ. އެހެން ނަމަވެސް އެކަމަށް އެމްޑީޕީން އެއްބަސް ނުވާތީ ޑިމޮޮކްރެޓްސް އިން ވަނީ އެއްވެސް ޕާޓީއަކަށް ތާއިދު ނުކުރުމަށް ނިންމާފަ އެވެ.