ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ނިންމަވައިފި އެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 6،300 ވޯޓާ އެކު އިންތިހާބުގެ ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އުމަރެވެ.

އުމަރު ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުގައި ހުރެ އަޑު އުފުލުމަށް ކަމަށެވެ.

ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ކަމަށް އުމަރު ވިދާޅުވި އެވެ. އެކަން ހައްލު ވަންދެން އެ ވާހަކަ ދައްކަން އިދިކޮޅުގައި ބަޔަކު ތިބެންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ.

އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް އުމަރު ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުރަސްމީކޮށް ކެމްޕެއިން ފަށައިފަ އެވެ.

މި ރިޔާސީ އިންތިހާބުގައި އުމަރު ވަނީ މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި އުމަރު ހޯދާ ވަރަށްވުރެން ތަފާތު ބޮޑު ނަތީޖާއެއް ހޯދައިފަ އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔައީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދީ ޑރ. މުއިއްޒު އެވެ. އެއީ101،180 ވޯޓެވެ. ރައީސް ޞޯލިހުއަށް ލިބިވަޑައިގެންނެވީ 86،900 ވޯޓެވެ.