ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް ރޭ ސޮއިކުރައްވައިފި އެވެ.
ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރު ސިރާޖު ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގަ އެވެ.
އެ ޖަލްސާގައި ސިރާޖު ވަނީ އޭނާގެ ފޯމު މުއިއްޒާއި ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމްއާ ހަވާލު ކުރައްވައިފަ އެވެ. ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ސިރާޖު އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގަ އެވެ.
ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވަނީ އެ ރަށުން އިތުރު 25 ޒުވާނަކު ވެސް ޕީޕީއެމަށް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ބައެއް ދާއިރާތަކުގެ ކައުންސިލަރުން ވެސް ހިމެނެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައިވާއިރު އެ ބުރުގައި ކުރި ހޯއްދަވާފައި ވަނީ މުއިއްޒެވެ. އެ ބުރު ލިބިވަޑައިގެންނެވީ %46.16 ވޯޓެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ %39.02 އެވެ. އެކަމަކު، އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓުލުމުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެއްވަނަ ހޯއްދެވި މުއިއްޒާއި ދެވަނަ އަށް ދިޔަ ރައީސް ސޯލިހެވެ.