ޗޮކްލެޓަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. އަނގަައަށް މީރު ވުމުން ގިނަ މީހުންނަށް ޗޮކްލެޓް ކެވޭއިރު އެއިން ލިބޭ ފައިދާތައް ގިނަފަހަރު އޮންނަނީ ނޭނގި އެވެ.

ބޮޑުކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ދަށް ބަނޑުގައި ރިހުން ހިމެނޭއިރު މިއީ އެންމެނަށްވެސް ކޮންމެވެސް އުމުރެއްގައި ދިމާވާ ބަލިތަކެވެ.

އެގޮތުން ސިއްހީ މާހިރުން ބުނާގޮތުގައި ޕްރޮޓީން ގިނަ ކާނާތައް ކެއުމަކީ މިކަމަށް އޮތް އެންމެ ބޮޑު ލުޔެވެ. އޭގެ ތެރޭގައި ބިސް، މަދު، ޔޯގަޓް، ޗީޒްގެ އިތުރުން ޗޮކްލެޓަކީ ގޮހޮރުގެ ބަލިތަކުން ދުރުކޮށްދޭ، ބަނޑުގައި ރިހުން މަޑުކޮށްދޭ އެއްޗެކެވެ.

ޗޮކްލެޓްގައި ގިނަ އަދަދަކަށް ޓުރިޕްޓޯފެން ހިމެނެ އެވެ. އެއީ ޕްރޮޓީން އިތުރުކޮށްދޭ އެމީނޯ އެސިޑް އެކެވެ. ޕްރޮޓީން ގިނަ ކާނާ ކެއުމުގެ ސަބަބުން ދިފާއީ ސެލްސްތަކުގައި ލެކްޓިބެސިލަސް ރިއުޓެރީ ނަމަކަށް ކިޔާ ބެކްޓީޔާއެއް އުފެދެ އެވެ. ލެކްޓިބެސިލަސް ރިއުޓެރީއަކީ ގޮހޮރުގައި ހުންނަ ބެކްޓީރިޔާ އެކެވެ. މި ބެކްޓީރިޔާ އުފެދުމުގެ ސަބަބުން ބޮޑުކަމުދާ ނިޒާމުގެ ބަލިތަކަށް ލުޔެއް ލިބިގެން ދާ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

އެގޮތުން ޗޮކްލެޓްގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ޑާކް ޗޮކްލެޓެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާގައި ޑާކް ޗޮކްލެޓް ހިމަނާލުމުން ވަރަށް ގިނަ ބަލިތަކުގެ ފަރުވާ ލިބި އެވެ. އޭގެ އިތުރުން ސިއްހީ މާހިރުން ބުނާގޮތުގައި ޑާކް ޗޮކްލެޓަކީ އަންހެނުންގެ މައްސަރުގެ ދުވަސްތަކުގައި ބަނޑުގަ ރިހުމުންވެސް ދުރުކޮށްދޭ އެއްޗެކެވެ.