އަންނަ ޑިސެމްބަރު މަހު ބާއްވާ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ނިންމަވައިފި އެވެ.

އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް އެކަން އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަސަން ލަތީފްގެ އެ ޕޯސްޓްގައި ވަނީ ޕާޓީގެ މެންބަރުންގެ ތާއީދާއި އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަމްރުއަކީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓެވެ. އިލްޔާސް ވެސް ޕާޓީގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން އެނގިފައިވެ އެވެ. އެކަމަކު، މިހާތަނަށް އައިއިރު އެކަން އިއުލާން ކުރައްވާފައެއް ނުވެ އެވެ.

ދަ ޑިމޮކްރެޓްްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެދުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރެއިންނެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު 2 ގަ އެވެ. އެގޮތަށް ފާސް ކުރީ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން އިއްތިފާގުންނެވެ.