ހަތް އަހަރު ފަހު އަލުން ރާއްޖެއިން އީރާނާއެކު ގުޅުން ގާއިމުކޮށްފި އެވެ.

ރާއްޖެ އާއި އީރާނު ގުޅުން ގާއިމުކުރިކަން އިއުލާނުކޮށްފައި ވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲ ހީޔަން އާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ކުރިއެރުމަށްޓަކައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިންވެސްޓުމަންޓާއި ވިޔަފާރި އާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ރާއްޖޭން އިރާނާ އެކު ގާއިމުކޮށްފައި އޮތް ގުޅުމަށް 40 އަހަރު ވެފައިވަނިކޮށް، ކުއްލި ގޮތަކަށް އެ ގުޅުން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެގޮތަށް ނިންމީ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީ ކަމަށް ބުނެ އެވެ.

ޔާމީންގެ ވެރިކަމުގައި ގަތަރާ އެކު އޮތް ގުޅުން ވެސް ރާއްޖޭން ކަނޑަލައިލި އެވެ. އެއީ ވެސް ސައޫދީގެ ނިންމުމަކާ އެކުގަ އެވެ. އެކަމަކު 2021 ވަނަ އަހަރު ރާއްޖޭން ވަނީ އެ ގުޅުން އަލުން އިޔާދަކޮށްފަ އެވެ.