ކީރިތި ރަސޫލާގެ އީދުމީލާދާ ގުޅިގެން އަންނަ ބުދަ ދުވަހު ސަރުކާރު ބަންދުކުރާ އިރު ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން މިއަދު ހަނދާންކޮށްދީފި އެވެ.

ސަރުކާރު ބަންދުވާ ދުވަސްތައް އަހަރު ފެށުމުގެ ކުރިން މިހާރު އިއުލާން ކުރެ އެވެ. އެ ގޮތުން ރަސްމީ ބަންދު ދުވަހެއްގެ ފަހަތަށް ބުރާސްފަތި ދުވަހެއް އަންނަ ނަމަ އެ ދުވަސް ވެސް އިތުރު ދުވަހެއްގެ ގޮތުގައި އާއްމުކޮށް ބަންދުކުރެ އެވެ.

ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހުގެ ގޮތުގައި އިސްލާމީ ގައުމުތަކުގައި ފާހަގަކޮށް އުޅެނީ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހު އެވެ. މި އަހަރު އެ ދުވަސް ދިމާވަނީ މި ސެޕްޓެމްބަރު މަހުގެ 27 ވާ ބުދަ ދުވަހާ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ "2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެމްބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި، މި ސެޕްޓެންބަރު މަހުގެ 28ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް" ކަމަށެވެ.

ރައީސް އޮފީހުން ވަނީ މިމަހު 9 ވަނަ ދުވަހު ބޭއއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓާ ގުޅިގެން ޖެހިގެން އައި ސެޕްޓެމްބަރު 10، 11 ވެސް ބަންދުކޮށްފަ އެވެ. އެހެންވެ މި މަހު 30 ގައި ބާއްވާ ދެވަނަ ބުރުގެ ވޯޓަށް ފަހު އަންނަ މަހުގެ 1 އަދި 2 ވަނަ ދުވަސް ވެސް ސަރުކާރު ބަންދުކުރުން އެކަށީގެންވެ އެވެ. އެހެންކަމުން މި ހަފުތާގެ ބަންދާ އެކު ސަރުކާރު މުވައްޒަފުންނަށް ދިގު ޗުއްޓީއެއް ލިބޭނެ އެވެ.