މާލޭގައި 20 އަހަރު އުޅެފައިވާ މީހުންނަށް ގޯތި ދިނުމަށްޓަކައި އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މީހުން ދިރިއުޅުމަށް ހާއްސަކޮށްގެން އުތުރު ތިލަފަޅުން ގޯތި ދިނުމަށް 215 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އުތުރު ތިލަފަޅު ހިއްކާ ގޮތުގެ ޗާޓެއް ވެސް އަކްރަމް ވަނީ އާއްމު ކުރައްވައިފަ އެވެ. އެ ޗާޓުން ދައްކާގޮތުގައި ގޯތި ދޭނީ ސިފައިންގެ "އެކަތަ" ބަނދަރުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން ބިން ހިއްކައިގެންނެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން މާލެ ސަރަހައްދުން 4،000 ގޯއްޗާއި 6،000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޭނެ އެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް، މި ސަރުކާރުން ފެއްޓެވި ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އުސޫލު ހިމެނޭހެން 19،639 މީހަކަށް 9،001 ގޯތި ދޫކޮށްފައިވެ އެވެ.

ގޯތީގެ އިތުރުން، ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 13،000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި ސްކީމްތަކުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެ އެވެ.