ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ރިސޯޓް މުވައްޒަފުންނަށް ފްލެޓް ދޭން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ރިސޯޓް ވަޒީފާގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ފްލެޓް ދިނުމާ ބެހޭ އުސޫލު މިރޭ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ ރިސޯޓް ވަޒީފާގައި އުޅޭތާ 15 އަހަރުވެފައިވާ 300 މުވައްޒަފަކަށް ފްލެޓް ދިނުމަށް ކަމަށެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން މާލެ ސަރަހައްދުން 4،000 ގޯއްޗާއި 6،000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޭނެ އެވެ. އެ ގޯތިތައް ދިނުމަށް ހަމަޖެހިފައި ވަނީ އުތުރުތިލަފަޅުންނެވެ. އެކަމަށްޓަކައި އުތުރު ތިލަފަޅުން 203 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް، މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އުސޫލު ހިމެނޭހެން 19،639 މީހަކަށް 9،001 ގޯތި ދޫކޮށްފައިވެ އެވެ.

ގޯތީގެ އިތުރުން، ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 13،000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.