މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގަފައިވާ މަޝްރޫއުތަކާ ކޮށްފައިވާ ކަންކަން ބަލަމުންދާ ކަމަށް އެންޓީކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފި އެވެ.

އޭސީސީ އިން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން އެކޮމިޝަނަށް މިހާތަނަށް 61 މައްސަލައެއް ހުށަހަޅަފައިވާ ކަމަށެވެ. އޭގެ ތެރެއިން 29 މައްސަލައަކީ ހިޔާނާތާ ގުޅުން ހުރި މައްސަލަ ތައް ކަމަށާ އެމައްސަލަތައް މިހާރު ބަލަމުން އަންނަ ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، ދާދި ފަހުން ރައީސް އިއުލާން ކުރެއްވި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ބޮޑުކުރުމާ ރަށުން ބޭރުގައި ތިބޭ ޕްރިންސިޕަލުންގެ ލިވިންގ އެލަވަންސް 7000 ރުފިޔާއަށް ބޮޑު ކުރުމާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމި ނިންމުމާއި، ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރިޝްވަތާ ގުޅުން ހުރި މައްސަލަތައް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ. އަދި، ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީ އިން ބުނީ އެކަންކަމާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބަލާ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ރިޔާސީ އިންތިހާބަށް އެކިއެކި ކެންޑިޑޭޓުން ކުރި ހަރަދުތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެންޑިޑޭޓުން ކެމްޕެއިން ކުރި އިރު އެކަންކަން އިލެކްޝަންސް ކޮމިޝަނަށް ބެލިފައިނުވާ ކަމަށް އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގައި ތިބި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ވެސް ވަނީ ބުނެފަ އެވެ.

ކެމްޕެއިން ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރާކަމަށް ތުހުމަތު ކުރި އެވެ.