އިންތިޚާބުން ލިބުނީ އެންމެ ހަތް ޕަސެންޓް ވޯޓެވެ. އެހެނަސް އެމީހުންގެ ޑިމާންޑަކީ ދިވެހި ރައްޔިތުންގެ ފައިސާއިން 40 މިލިއަން ޚަރަދު ކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ވޯޓެއް ނެގުމެވެ. މިއީ މިއަދުގެ ދިވެހި ސިޔާސީ އުދަރެހުގައި ދަ ޑިމޮކްރެޓްސްގެ ދައުރެވެ. ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުޅުއްވާ ސިޔާސީ ކުޅިވަރުގައި ދިވެހިންނަށް ކުރިމަތި ކުރުވާފައިވާ ހާލަތެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާ އާއެކު ސިޔާސީ ގޮތުން ޣަރަގުވަމުން ދިޔަ އެމްޑީޕީއަށް ކިތަންމެ ބަލިކަށި ނަމަވެސް ހިފާލާނެ އަތެއް ބޭނުންވި ވަގުތުގެ ބޭނުން ކޮށްގެން ނިޒާމީ ވޯޓެއް ނެގުމަށް ކުރީގެ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު މިވަނީ ކާމިޔާބު ކުރެއްވުމާ ގާތަށް ވަޑައިގެންފަ އެވެ. ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ވަނީ ފާސް ކޮށްފަ އެވެ. އެ ގަރާރުގައި އިލެކްޝަންސް ކޮމިޝަންނަށް އަމުރުކޮށްފައި ވަނީ އޮކްޓޯބަރު މަހު ވެރިކަމުގެ ނިޒާމާ ބެހޭ ވޯޓު ނެގުމަށެވެ. އެ އަމުރު ބަލައިގަނެ އެ ކޮމިޝަނުން މިހާރު އަމާޒު ހިފާފައި ވަނީ އޮކްޓޮބަރު 29 ގައި އެ އިންތިޚާބު ބޭއްވުމަށެވެ.

ދަރަންޏަށް ނަގައިގެން ނޫން ގޮތަކަށް މުއަޒަފުންނަށް މުސާރަ ނުދެވޭ ވަރަށް ބަޖެޓުގެ ދަތިކަން ފޯރައިފައިވާ ދިވެހި ސަރުކާރަށް މިއަދު ޖެހިފައި ވަނީ ފުލުފުލުގައި އިންތިޚާބުތަކެއް ބާއްވާށެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ވޯޓުލުމަށް ފަހު އެއް މަސްދުވަހުގެ ތެރޭގައި ނަގަންޖެހިފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި މި ވޯޓު ނެގުމަށް މަދުވެގެން 40 މިލިއަން ރުފިޔާ ޚަރަދު ވާނެ އެވެ. ސުވާލަކީ ރާއްޖޭގެ ސަރުކާރުގެ ދަރަނި ވެރިވެފައިވާ މިންވަރަށް ބަލާއިރު މިވަރުގެ ބޮޑު ޚަރަދެއްކޮށްގެން މި ދަނޑިވަޅުގައި ނިޒާމީ މައްސަލައިގެ ވޯޓެއް ނަގަން ޖެހޭ ހެއްޔެވެ؟

ނިޒާމީ ވޯޓަކީ ކުރީގެ ރައީސް ނަޝީދު ބޭނުންފުޅު ވަވަޑައިގަންނަވާ ގޮތަށް ގައުމުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ނަގަން އުޅޭ ވޯޓެކެވެ. ރައީސް ނަޝީދަކީ ފެށުނީއްސުރެ ވެސް ގައުމުގައި އޮންނަން ވާނީ ޕާލަމެންޓަރީ ސިސްޓަމެއް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އެ ވިސްނުންފުޅާއެކު ކޮންމެހެން ވެސް ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަކުކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެ ކަމަށް އަޑު އުފުއަލަވަން ފެއްޓެވީ މިފަހަރުގެ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ޖާގަދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަހަތަށް ޖެހިވަޑައިނުގެންނެވުމުންނެވެ. އެ ހިސާބުން ރައީސް ސޯލިހަށް ރައީސްކަން އެމަނިކުފާނަށް ބޮޑުވަޒީރުކަން ކުރެވޭ ފަދަ ސިސްޓަމެއް ގެންނަވަން ނަޝީދު ވަކާލާތު ކުރެއްވި އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމެންދެން ވެސް އެމަނިކުފާނުގެ އެ ގޮވާލެއްވުމަށް ރައީސް ސޯލިހު ގެންދެވީ ބީރު ކަނފަތެއް ދެއްވަމުންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން ބަލިވެ ދެވަނަ ބުރަކަށް އިތުރު އެހީއަކަށް ބޭނުންވި ދަނޑިވަޅު ބައްލަވައި ރައީސް ނަޝީދު މިވަނީ ރައީސް ސޯލިހުގެ އެމްޑީޕީ "ސައިޒުކޮށް" އެމަނިކުފާނު ބޭނުންފުޅުވެވަޑައިގެން އުޅުއްވި ނިޒާމީ ވޯޓު ނެގުމަށް އެއްބަސްކުރުވާފަ އެވެ.

ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރާއްޖޭގެ ވެރިކަން ނަޝީދަށް ލިބެން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ބަލައި އެމަގަށް ގާނޫނުތައް ބައްޓަންކޮށް ވެރިކަމުގެ ނިޒާމު ބަދަލުކޮށްލަން މިވަނީ ފެށިފަ އެވެ. މި މަސައްކަތަކީ ހަމަ އެންމެ މީހަކަށްޓަކައި ރައްޔިތުންގެ ފައިސާއިން ހިންގަން ޖެހޭ ބޮޑު ޚަރަދަކާއި ނަގާލެވޭ ވަގުތުތަކެއްގެ އިތުރުން ކުރިމަގުގައި ކަންތައް ބޮޑު އޮޅުންބޮޅުންގަނޑަކަށް ވެގެން ދިއުމަށް މަގު ފަހިވެގެންދާނެ ހަރަކާތެކެވެ.

ނިޒާމީ ވޯޓަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ކޮށާ މަގެއް ކަމަށް ބެލެވޭއިރު އެމަނިކުފާނުގެ ތާއީދު ރައްޔިތުންގެ މެދުގައި ވަނީ އެންމެ ހަތް ޕަސެންޓަށް ވެއްޓިފަ އެވެ. އެ ހަތް ޕަސެންޓްގެ ހައްގުގައި ހުރިހާ ރައްޔިތުންގެ ޖީބުން މިވަނީ 40 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހިފަ އެވެ.