އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މުދާ އުފުލާ އުޅަނދުތައް މާލޭގައި ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މުދާ އުފުލާ އުޅަނދުތަކަށް ވޯޓުލާ ދުވަހުގެ ބައެއް ގަޑިތަކުގައި ނުދުއްވޭ ގޮތަށް ހަމަޖެއްސެވީ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތްތަކަށް ދަތިވާނެތީ ކަމަށެވެ. އެހެންކަމުން އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 8:00 އަށް ބައެއް އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
އެހެން ނަމަވެސް ސަލާމަތީ ބާރުތަކުގެ އުޅަނދާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު މިވަގުތުތަކުގައި ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ދުވަހު ވެސް ފެނުނީ ދިޔައީ މާލޭގެ މަގުތައް ކާރޫބާރު ބޮޑުކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5 އަށެވެ.
ވޯޓުލާ ދުވަހު ހެނދުނު 6 އިން ރޭގަނޑު 8 ކަށް ދުއްވުން މަނާ އުޅަނދުތައް:
- "ސީ2" އަދި "ސީ0" ކެޓަގަރީގެ އުޅަނދުތައް
- "ޑީ" ކެޓަގަރީގެ އުޅަނދުތައް
- "އީ" ކެޓަގަރީގެ އުޅަނދުތައް
- "ވީ" ކެޓަގަރީގެ އުޅަނދުތައް