އެމްޑީއޭ އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް އބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ކެމްޕޭން ޓީމުތަކާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމްޑީއޭގެ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީއާ އެކު ކޮށްދިން ބުރަ މަސައްކަތްތައް ޝުކުރުވެރިވާ ކަމަށާއި ހެޔޮ މުސްތަގުބަލަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީއާ އެކު ކޯލިޝަންގައި މިހާރު ހަމައެކަނި އޮތް އަދާލަތު ޕާޓީގެ އުއްމީދުތައް ވަރަށް ގިނަ ކަމަށާއި އެމްޑީއޭ ދުރަށް ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުއްމީދުތައް ވަރަށް ފޮންޏޭ. އެ ބޭފުޅުންގެ އެ ނިންމުން އަޅުގަނޑު ހިތުން އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހުން ފެނިގެން ދާތަން ވެސް ލަސްތަކެއް ނުވެ އެބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

ރައީސް ވަނީ އެކަމާ ކަންބޮޑުނުވެ ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީ އަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުހާވަރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެ ކަހަލަ ކަންތައްތައް ވާނެ. ކަންބޮޑު ނުވެ ކުރިއަށް ވަޑައިގަންނަވާ." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ އެމްޑީޕީގެ ކޯލިޝަނުން ވަކިވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރުމަށެވެ. ދެ ވަނަ ބުރުގައި ރައީސަށް ތާއިދު ކުރަން ވޯޓު ދެއްވީ ކައުންސިލްގެ ދެ މެންބަރުންނެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލައްވައި މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭގެ ކައުންސިލުން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.