އެމްޑަބްލިޔުއެސްސީން ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާޙް ކޮށްފި އެވެ.
ބ. ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙު ކޮށްދެއްވީ އެބރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ.
ކަމަދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅައިފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީ ވެސް ވަނީ ބަހައްޓައިފަ އެވެ. މި ރަށުގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން ޢިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅައިފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދިނުމަށް ހަމަޖެހިފަ އެވެ.
ބ. ކަމަދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީންގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 56.66 މިލިއަން ދިވެހި ރުފިޔާ އެވެ. މިނމަޝްރޫޢުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ އެވެ.