މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައި އެ ކެމްޕެއިނާ މިއަދު ގުޅިވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރާއި މާޒް ސަލީމަށް 6،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އުމަރު ދިޔައީ އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގެ ހަތަރު ވަނައަށެވެ. އުމަރު ހަތަރު ވަނަ އަށް ދިޔައީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މެން ފަދަ ބޭފުޅުން ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ. އެހެންވެ، ގިނަ ބަޔަކަށް އެ ނަތީޖާ ވީ ވަރަށް ހައިރާން ކުރުވަނިވި ނަތީޖާއަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ސަލީމްގެ ތާއީދު ދެ ވަނަ ބުރުގައި ރައީސަށް ދެއްވި އިރު، އުމަރު ނިންމަވާފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ.

ސަލީމް މިއަދު ހަވީރު ވަނީ ހުޅުމާލޭގައި އޮތް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ހުޅުމާލެ ރުއްގަނޑުގައި އޮތް ބައްދަލުވުމުގައި އެމްޑީޕީ ކޯލިޝަން ދޫކޮށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމި އެމްޑީއޭގެ ބައެއް އިސް ބޭފުޅުންވެސް މިއަދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އެމްޑީއޭގެ ކައުންސިލް ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެންމެ ގިނަ ވޯޓާ އެކު، ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.