ރައްޔިތުންގެ މަޖިލީހުގެ ވ. ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މޫސާ ނިޒާރު އާއި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރަން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަށް ލިބުނު ނާކާމިޔާބީއާއެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ދެވަނަބުރިގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން ފަށާފައެވެ.

ގުބާދުއާއި މޫސަ ނިޒާރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހީމްގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިކޮށް ފެނިގެންގޮސްފައިވެއެވެ.

ގުބާދު ވިދާޅުވީ އޭނާ މުއިއްޒުއަށް ތާއިދު ކުރަން ނިންމީ ގާސިމްގެ ސިޔާސަތާއި ވިސްނުމާއި އޭނާގެ ވެސް ވިސްނުމާއި އެންމެ އެއްގޮތް ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީގެ ސްޕެޝަލް އެޑްވައިޒަރު ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ޖޭޕީ ކައުންސިލްގެ އިސް ބައެއް ބޭފުޅުން ވަނީ ޑރ. މުއިއްޒުއަށް ތާއިދު ކުރަން ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް އާއި ޖޭޕީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް ޞާލިހުއަށް ތާއިދު ކުރަން ނިންމާފަ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބުނީ 5،000 އެއްހާ ވޯޓެވެ. އެއާ އެކު ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެފަ އެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރަން ބައެއް ބޭފުޅުން ވަނީ ނިންމައިފަ އެވެ.