މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ދޫކުރާ ގޯތި އަތު ނުލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މާޒީއަށް ބަލާލުމުން އެވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާޅިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ސޯސަން މަގުގައި ހުންނަ ޖަގަހާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 40 އަހަރަށް ފަހު މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނީ މިސަރުކާރުން އެކަނި ކަމަށެވެ. މީގެ ކުރިންވެސް އެތައް ސަރުކާރެއް އައިސްފިކަމަށާއި އެހެން ނަމަވެސް ދެއްކީ "ހުސް" ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނީ ހަމައެކަނި މިސަރުކާރުން ކަމަށެވެ.

މިސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް އަދި އެއްވެސް ފްލެޓެއް ނާތުލާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ރައްޔިތުންގެ އަތުން އެގޯތި ތަކާ ފްލެޓްތައް އަތުލާނެ ކަމަށެވެ. މީގެ ކުރިންވެސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުރެގެން ކަންކޮށްފައިވަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ އެމްޑީޕީ ސަރުކާރުން ގުޅިފަޅުން ދިން ގޯތިތައްވެސް ރައީސް ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވާ އެތަންތަން ރައްޔިތުން އަތުން އަތުލާފައިވާ ކަމަށެވެ. އެންމެ ފަހުން އެކަންކަމަށްވެސް ހައްލު ހޯއްދަވައިދެއްވީ މިސަރުކާރުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ސީލައިފްގެ މައްސަލަ ޖާހު ގާޑަންގެ މައްސަލަ ކޭޕާކްގެ މައްސަލަ، ގާކޮށްޓާ އަރަބިއްޔާ ފްލެޓްތަކަށް ވީގޮތް ރައްޔިތުންނަށް ބޮޑު އުނދަގުލަކަށްވެފައިވަނީ ހުރިހާ ކަމަކަށް އަޅުގަނޑުމެން ހައްލު ހޯދައިދިނިން. ސީލައިފްއަށްވެސް އެޑްވާންސްކޮށް ފައިސާ ދީފައި ވީގޮތެއް ނޭނގެ އެކަންވެސް މިސަރުކާގެ މާލިއްޔަތުން ހަރަދުކޮށްގެން ފްލެޓް ދޭނެ ކަމަށް ބުނި މީހުންނަށް ފްލެޓް ދެމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުއިއްޒު މިނިސްޓަރު ކަމުގައި ހުންވައިގެން ފްލެޓް ހަދަން އެކި ކުންފުނިތަކަށް މަޝްރޫއުތައް ދީފައިވަނީ އޭރު ސަރުކާރުން ފަޅު ރަށްތައް ދޫކުރި އުސޫލުން ކަމަށެވެ.

ރައީސް ވިދާޅުވީ ޖާހް ގާޑަން ކިޔާ ކުންފުންޏަކަށް ފްލެޓް ހަދަން ދީގެން އެތަންތަނަށްވެސް ވީގޮތެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ހަ މަސް ތެރޭ އެފްލެޓްތައް ނިންމާ ރައްޔިތުންނާ ލިޔުން ހަވާލު ކުރާނެ ކަމަށެވެ.