ލ. ފޮނަދޫ ވޯޓުލާ މަރުކަޒުގައި އޮފިޝަލަކު ވޯޓު ކަރުދަހުގައި ކުރަހާފައިދޭ މައްސަލައެއް ފެންމަތިވެ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށަފައި ވަނީ މިއަދު ހެނދުނު 8:00 ގަ އެވެ.

މިހާތަނަށް ގިނަ ބަޔަކު ވޯޓުލާފައިވާ އިރި، ބޮޑެތި މައްސަލަތަކެއް ދިމާވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ބައެއް ރަށްރަށުން ވޯޓު ކަރުދަހުގެ ފޮޓޯނެގުން ފަދަ ކަންކަން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި ހަތަރު މީހަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ވޯޓު ކަރުދާސް ފޮޓޯ ނަގައިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުވައްމުލައް ސިޓީ އިންނެވެ. މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ އެމީހާ ދޫކޮށްލައިފަ އެވެ.

ވޯޓު ކަރުދާސް ދައްކައިގެން މީހަކު ހައްޔަރުކޮށްފައިވަނީ ގދ. ވާދޫންނެވެ.