ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ހަމާލާ ދީފި އެވެ.
މެމްބަރު ޝަރީފަށް ހަމަލާދިނީ އިއްޒުއްދީން ސްކޫލު ކައިރީގައި ހުންނަ މަންހަޓަން ބިޒްނަސް ހޮޓެލްތެރޭގައި ހުންނަވަނިކޮށް ކަމަށެވެ. ޝަރީފަށް ހަމަލާ ދިނުމާ ގުޅިގެން އޭނާގެ ވާތު ލޯ މަތިން ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.
ޝަރީފް ވިދާޅުވީ އޭނާ އަށް ބަޔަކު ހަމަލާ ދިނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ. އަދި ހަމަލާ ދިނީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް ވެސް ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ. ނިހާދަށް ދަނީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.
ނިހާދަށާއި ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާ އިރު އިންތިހާބާ ގުޅިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ފުލުހުން ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މިއަދު އިތުރުވަމުންދާކަން ފާހަގަ ކުރެވޭތީ ފުލުހުންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
މިފަދަ ގުރޫޕުތަކަށް ނިސްބަތްވާ މީހުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނަށް ބިރުދެއްކުން ފަދަ ކަންކަން ފުލުހަށް ހުށަހަޅަމުން އަންނަ ކަމަށެވެ.