މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެވަގުތު ހަމަވުމާއެކު، ކިޔޫތައް ބަންދުކުރަން ފަށައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5:00 އަށެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް 5:00 އާއި ހަމައަށް ކިޔޫގައި ތިބި މީހުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 5:00 ޖެހުމާއި އެކު ވޯޓު ފޮށިތައް ބަންދުވާނެ ކަމަށާ ވޯޓު ގުނަން ފަށާނީ 5:30 ހާއިރު ކަމަށެވެ.
މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެ އެވެ. އެންމެ ފަހުން ވޯޓުލާން ފެށީ އަބޫދާބީ އަދި ލަންޑަންގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެ އެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވި 11،284 ފޯމުގެ ތެރޭގައި އެ މީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައެޅުމުގެ ބައެއް ޝަކުވާ ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.