އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ އިންތިޒާމްތައް ފުރިހަމައަށް ހަމަޖައްސަވާފައިވާތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

އިއްޔެ ބޭއްވި އިންތިހާބަކީ ފަހުގެ ތާރީހެއްގައި ބޭއްވިގެން ދިޔަ އެންމެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިފައި ހުރި އިންތިހާބެވެ. އިއްޔެ ވޯޓުލުން އިންތިޒާމްތައް ހަމަޖައްސަވާފައިވާލެއް ފުރިހަމަ ކަމުން ގިނަ ބައެއްގެ ތައުރީފު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދިޔަ އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވެސް ދިޔައީ ކޮމިޝަންގައި އެދެމުންނެވެ. ކޮމިޝަންގެ މެންބަރުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުމާއި މެންބަރުންގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާ އެކު އިންސާފުވެރި އިންތިހާބެއް ލިބޭނެތޯ ގިނަ ބަޔަކު ދިޔައީ ސުވާލު ވެސް ކުރަމުންނެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް އިލެކްޝަންސްގެ އޮފިޝަލުން ކުރަނީ. ފޮޓޯ: އިލެކްޝަންސް

އެހެން ނަމަވެސް އިންތިހާބު ނިމުމާއެކު ގިނަ ބަޔަކު މިސުވާލުތަކުގެ ޖަވާބު ލިބިގެން ގޮސްފަ އެވެ. ގިނަ ބަޔަކު އަންނަނީ އިލެކްޝަންސް ކޮމިޝަނުން އަދި އެކޮމިޝަންގެ ރައީސް ފުއާދު ކުރެއްވި މަސައްކަތް ފާހަގަ ކޮށް ޝުކުރު އަދާކުރަމުންނެވެ.

ރައްޔިތުން އެދޭ ފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާ ނިމާލަދިނީތީ އެކަމަށް ޝުކުރު އަދާކުރަމުންނެވެ. ހުރިހާ ޕާޓީތަކާއި ކެންޑިޑޭޓުން އަދި ސިޔާސީ ލީޑަރުންނާއި ރައްޔިތުން އެކަން ގަބޫލު ކުރެއެވެ. މުޅި ސޯޝަލް މީޑިއާގައި އޮތީ އެއް ޝުއޫރެކެވެ. ފުއާދުގެ ހިތްވަރަށް ސާބަސް ދިނުމެވެ. ފުއާދުގެ ގައުމީ / އިހްލާސްތެރި ހިދުމަތް ފާހަގަ ކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އާއި ކޮމިޝަނުގެ މެމްބަރުންތަކެއް.

ވަރަށް ގިނަ ސިޔާސީ ބޭފުޅުންނާއި އާންމުން ދަނީ އެކަން ފާހަގަކޮށް ފުއާދަށް ޝުކުރު އަދާ ކުރަމުންނެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގައި ހަގީގަތުގައި ވެސް ފުއާދުގެ ދައުރު ބޮޑެވެ. ކޮމިޝަން އެކުވެރި ކުރައްވާ ބައިބައިވުމަށް ފުރުސަތު ނުދީ / ނުފޫޒަކަށް ޖާގަ ނުދެއްވާ އިންތިހާބު ބޭއްވުމުގެ މޭސްތިރި އަކީ ފުއާދެވެ. އަދި ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ ޓީމެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ އެކި ގޮތްގޮތުން ޚާއްސަ އިންތިޚާބެއްކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ތެރޭގައި ބަޔަކު ކިޔޫ ހަދާފައި.. ފޮޓޯ: ހުރިހާ

އެގޮތުން މީގެކުރިން އަބަދުވެސް ދެކެވެނީ ރާއްޖޭގައި އިންތިޚާބުގެ ކަންކަން ކުރުމަށް އޮންނަ ނިޒާމުގެ ފުރިހަމަކަމުގެ ވާހަކަނަމަވެސް މިއަދު ރާއްޖޭގެ ރައްޔިތުންގެ ފަރާތުންވެސް ފެނިގެންދިޔައީ ތަޙުޒީބު ވެއްޓަކުން ފެންނަ ފަދަ މަންޒަރުތަކެއްކަން ފުއާދު ފާހަގަކުރެއްވިއެވެ. އެގޮތުން އެތައް ބަޔަކު ކެތްތެރިކަމާއެކު ވޯޓުލާ މަރުކަޒުތަކުގައި ކިޔުގައި މަޑުކޮށްގެން ތިބި ތިބުން ފުއާދުވަނީ ފާހަގަކުރައްވާފަ އެވެ.

"މިއަދު ބޭއްވިގެން މިދިޔައީ ވަރަށް ފުރިހަމަ އިންތިޚާބެއް. ދުނިޔޭގެ ކޮންމެ ބަޔަކަށްވެސް ނަމޫނާ އަކަށް ނެގޭނެފަދަ އިންތިޚާބެއް. ކުރިން އަބަދުވެސް ދައްކަނީ މިތަނުގައި އޮންނަ ސިސްޓަމްގެ ފުރިހަމަކަމުގެ ވާހަކަ. ނަމަވެސް މިއަދު ރައްޔިތުންމިވަނީ ދައްކައިދީފައި އިންތިޚާބު އެއްކޮށްވެސް ފުރިހަމަ އިންތިޚާބެއްކަން" ފުއާދު ވިދާޅުވި އެވެ.