އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަން އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ދަންނަވައިފި އެވެ.

ފައްޔާޒަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް މެމްބަރުން އެދިވަޑައިގަންނަވާ ނަމަ އެޕާޓީއަށް އެނބުރި ވަޑައިގަންނަވަން ތައްޔާރަށް ހުުންނެވި ކަމަށެވެ.

ނަޝިދު އެކަމަށް އެދިވަޑައިގެން ފައްޔާޒަށް މެސެޖް ކުރެއްވިކަން އެމްޑިޕީގެ އިސްބޭފުޅުން ވަނީ "ހުރިހާ" އަށް ޔަގީން ކޮށްދެއްވައިފަ އެވެ.

ނަޝީދު ފޮނުއްވި މެސެޖް ފައްޔާޒު އެމްޑިޕީ ގައުމީ މަޖިލީހގެ މެމްބަރުންނާ ވަނީ ހިއްސާ ކުރައްވާފަ އެވެ. އެހެން ނަމަވެސް ބައެއް މެމްބަރުން ބުނެފައި ވަނީ ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން މާލަސްވެއްޖެ ކަމަށް މެމްބަރުން ބުނެ އެވެ.

ނަޝީދު އަނބުރާ ޕާޓީ އަށް އައުމަށް މެމްބަރުން ތާއިދު ނުކުރައްވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ރިޔާސީ އިންތިހާބު އެމްޑިޕީއަށް ނާކާމިޔާބުވީ ރައީސް ނަޝީދުގެ ސަބަބުން ކަމަށް ވެސް ގިނަ މެމްބަރުން ބުނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ހިޔާލުތަފާތުވުންތަކަށް ފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރެއިން ފިކުރެއްގެ ދިރުން ނަމުގައި ފެކްޝަނެއް އުފައްދާފަ އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ ވަނީ ދަ ޑީމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. ރައީސް ނަޝީދު ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.