ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީއާ އަށް ދެވަނަ ދަރިފުޅު ލިބެން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަތަލާ އަނުޝްކާ މިހާރު އިންނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އެހެން ނަމަވެސް އެދެމީހުން އަދި އެކަން ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ބޮލީވުޑް ހަބަރު ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހަބަރު ވަރަށް އަވަހަށް އަނުޝްކާ އޭނާގެ ފޭނުންނަށް ހިއްސާ ކުރާނެ އެވެ.

އަނުޝްކާ އާއި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީ ކައިވެނިކުރީ 2017 ގަ އެވެ. އެމީހުންނަށް ފުރަތަމަ ދަރިފުޅު ވަމީކާ ލިބުނީ 2021 ގަ އެވެ.

ބަތަލާ އަނުޝްކާ އާއި ފިރިމީހާ އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީ

ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އިން 2008 ގައި ޝާހްރުކް ޚާނާ އެކު ބޮލީވުޑަށް ނުކުތް އަނުޝްކާ އެންމެ ފަހުގެ ފިލްމަކީ 2018 ގައި ޝާހްރުކާ އެކީ ކުޅުނު "ޒީރޯ" އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހުނަރުވެރި ބަތަލާ ބުނީ ދަރިއަކު ލިބުނަސް އޭނާ ފިލްމީ މަސައްކަތުގައި ދެމިހުންނާނެ ކަމަށާއި ފަހު ނޭވާއާ ހަމައަށް ވެސް އެކްޓިންއާ ދުރަށް ނުދާނެ ކަމަށެވެ.

މިދިޔަ އަހަރު އަނުޝްކާ "ޗަކްދާ އެކްސްޕްރެސް" ކިޔާ ފިލްމެއް ކުޅެފައިވެ އެވެ. އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ މި ބައޮގްރަފިކަލް ޑްރާމާ ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.