ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވެފައި ނުވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން ކަމަށް ވިދާޅުވުމުންނެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ޑިމޮކްރެޓްސް އިން ތާއިދު ނުކޮށްފި ނަމަ ނިޒަމީ ވޯޓަށް އެމްޑީޕީން ތާއިދު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެމްޑީޕީން މިހާރު ދެކޮޅު ހަދަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެމުން އެމްޑީޕީން ބުނީ ޑިމޮކްރެޓްސް އިން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާ ނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދި ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެ ހުށަހެޅުން އެމްޑީޕީން ގަބޫލު ކުރެވެން ނެތްކަން އަންގާފައިވާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

މީގެ އިތުރުން އެއްވެސް ކަމަކަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައި ނުވާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމި ނިންމުމަކީ މި ޕާޓީއާ އެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޑީޕީން އޭރު ތާއީދުކުރީ ރިޔާސީ އިންތިހާބުގެ ފަހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

ބަރުލަމާނީ ނިޒާމާ ގުޅިގެން ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ރިޔާސީ އިންތިހާބުގެ ފަހުން ނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވެސް ވަނީ ތާއިދުކުރައްވައިފަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީން ވެސް ބުނަމުން އަންނަނީ އެ ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރާ ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.