މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

އާތިފްގެ މައްޗަށް މަނީ ލޯންޑްރިންގެ ގާނޫނާ ޚިލާފްވުމުގެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމާބެހޭ ފަރާތުގެ ސަމާލު ކަމަށް ގެނެސްފައިނުވާ ކަމަށް ބުނެ އެވެ. އާތިފް އޭރު ހުންނެވީ އެމްއެމްއޭގައި އޮންނަ އެފްއައިޔޫގެ ވެރިއަކަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އާތިފް ދައުވާއަށް އިންކާރު ކުރެއްވުމަށް ފަހު އޭނާގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ އޭނާގެ އިސް ވަކީލަކަށް އައްޔަންކުރި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު އެ މައްސަލާގައި ކޯޓުން ބަލައިނުގަތް މައްސަލަ އެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށާއި ތަޖްރިބާ ހުރި އެހެން ވަކީލަކު ހޯދޭނީ އެ ފުރުސަތު ނެތްކަން ނުވަތަ ނޫންކަން ވެސް އެނގިގެން ކަމަށް ވިދާޅުވި އެވެ.

އާތިފްގެ ދެން ތިބި ވަކީލުން ވެސް އެކަން ފާހަގަ ކުރެއްވި އެވެ. އަދި އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ އެ ނިންމުން ލިޔުމުން ހޯދަން އެދުމުން ކޯޓުން ލިބުނީ އިދާރީ ޖަވާބެއް ކަމަށާއި އިސްތިއުނާފްގެ ފުރުސަތަށް ހުރަސް އެޅެނީ އެކަމާ ހެދި ކަމަށް އެ ވަކީލުން ވިދާޅުވި އެވެ. އަދި އިސްތިއުނާފް މަރުހަލާ ނިމުމަކަށް ފަހު ނޫނީ ޝަރީއަތް ކުރިއަށް ނުގެންދަން ވަކީލުން އެދިވަޑައިގަތެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތް މަޑުޖައްސާ ނުލެވޭނެ ކަމަށާއި އަދި ނިހާޔަތު ވަކީލެއްގެ ގޮތުގައި ބަލައިނުގަތް ސަބަބު ކުރިން ބުނެދީފައިވާނެ ކަމަށެވެ. އަދި އިސްތިއުނާފްގެ ހައްގު އޮތަސް، މަތީ ކޯޓަކުން އެންގުމެއް ނާންގާހާ ހިނދަކު ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ގާޒީ އެންގެވީ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށެވެ.