ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުއަކީ މައްސަލަ ބޮޑު "ބޮލީވުޑް މާފިއާ"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފަރާތެކެވެ. އޭނާގެ ސަބަބުން އެތައް ތަރިންނެއްގެ ފިލްމީ ހަޔާތަށް އަސަރުކޮށްފައިވެ އެވެ. އެފަދަ ބައެއް ކަންކަމަށް އޭނާ އެއްބަސްވެފައި ވެސްވެ އެވެ.
އޭގެ ތެރެއިން އެއް ތަރިއަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ގުނާލެވޭ އަނުޝްކާ ޝަރްމާ އެވެ. 2008 ވަނަ އަހަރު ނުކުތް ޔަޝް ރާޖް ފިލްމްސްގެ "ރަބްނޭ ބަނާ ޑި ޖޯޑީ"އިން ބޮލީވުޑަށް ތައާރަފްވި އަނުޝްކާ އެ ފިލްމުގައި ހަރަކާތްތެރި ވުމަށް ކަރަން ޖޯހަރު ދެކޮޅު ހެދި އެވެ.
ޔަޝް ރާޖް ފިލްމްސްގެ ކަންތައްތަކުގައި އިސްކޮށް އުޅޭ އަދި އެ ފިލްމުގެ ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ކަރަން ވަނީ އަނުޝްކާ ފިލްމުން ދުރު ކުރުމަށް އަދިތްޔާއަށް ލަފާވެސް ދީފަ އެވެ.
އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ ފުރަތަމަ ފެނިލުމުން އޭނާއަށް އަނުޝްކާ އެހާ ކަމުގޮސްފައިނުވާ ކަމަށާއި އަދިތްޔާގެ ނިންމުން ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ.
"އަހަރެން ހިތަށް އެރި އަދިތްޔާ އޭނާއާއެކު މަސައްކަތް ކުރަން ބޭނުންވަނީ ކީއްވެބާއޭ. އޭނާ ހުރީ ވަރަށް ބިރުން. ހިތަށް އެރި އޭނާގެ މުސްތަގްބަލެއް ނެތޭ." ކަރަން ބުންޏެވެ.
ކަރަންގެ އެ ލަފައަށް އަޅާނުލައި އަދިތުޔާ އަނުޝްކާއާއެކު އެ ފިލްމު ނެރެ ބޮޑު ކާމިޔާބީއެއް ވެސް ހޯދާފައިވެ އެވެ. އަނުޝްކާއާއެކު ދެން އެ ފިލްމުގައި އުޅުނީ ޝާހްރުކް ޚާން އެވެ.
ކަރަންގެ ޝައްކުތަކަށްފަހު އޭނާއަށް އަނުޝްކާގެ ހުނަރާމެދު ޔަގީންކަން ލިބުނީ އަނުޝްކާގެ ދެވަނަ ފިލްމު "ބޭންޑް ބާޖާ ބާރާތު"އަށްފަހު ކަމަށް ކަރަން ބުންޏެވެ.
ކުރިން ކަން އެހެން އޮތް ނަމަވެސް މިހާރު އަނުޝްކާއާއި ކަރަންއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަނުޝްކާ ވަނީ ކަރަން ޑައިރެކްޓްކުރި "އޭ ދިލްހޭ މުޝްކިލް"އިން ވެސް ފެނިގެން ގޮސްފަ އެވެ.