ބޮލީވުޑް އެކްޓްރެސް ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ވަނީ ވަރަށް ފަހުން ސްޓޭންޑްއަޕް ކޮމެޑީގެ ދާއިރާއަށް ނުކުމެފަ އެވެ.

އޭނާގެ އެންމެ ފުރަތަމަ ޝޯގައި ރާޖް ވަނީ މީޑިއާއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ހަމައެއާއެކު މައްސަލަބޮޑު އެކްޓަރެއް ކަމަށްވާ އުރްފީ ޖާވިދްއާ ބެހޭ ގޮތުން ވެސް އޭނާ ބައެއް ވާހަކަ ދައްކާފައިވެ އެވެ.

"ފާއިތުވެދޔަ ދެ އަހަރު އަހަރެން ދެކެ އެންމެ ލޯބިވީ އިންޑިއާގެ މީޑިއާ. އެމީހުން ބޭނުންވަނީ އަހަރެން ބޭނުންކުރާ އެއްޗެއްސާއި އުރްފީ ބޭނުން ނުކުރާ އެއްޗެހި ބަލަން" ރާޖް ބުނެފައިވެ އެވެ.

އިންޓަނެޓުގައި ދައުރުވަމުންދާ އެ ވީޑިއޯ ހިއްސާ ކުރަމުން އުރްފީ ބުނީ އޮރިޔާން ކާޑު ގެންގުޅޭ މީހެއް އޭނާ ހެދުން އަޅާ ގޮތަށް ފާޑުކިޔުން ރަނގަޅު ނޫން ކަމަށެވެ.

ރާޖް އިތުރަށް ބުނެފައިވަނީ އުމުރުން 21 އަހަރުގައި ޝޯލް ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ކޮޅަށް ޖަހާފައިވާނެ ކަމަށާއި މީހުންނަށް އަންނައުނު ފޯރުކޮށްދިނުމަކީ ކުރާހިތްވާ ކަމެއް ކަމަށެވެ.

ރާޖް މަޝްހޫރުވެފައިވަނީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން އާއްމުވި އޮރިޔާން ކާޑު ގެންގުޅުނު މައްސަލައަކާ ގުޅިގެން ހައްޔަރު ކުރެވުނު ފަރާތެއްގެ ގޮތުގަ އެވެ.