ހުޅަނގު ޔޫރަޕްގެ އެންމެ އުސް އެއް ފަރުބަދަ ކަމަށްވާ މޮންޓް ބްލޭންކް ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުން އަންނަ ކަމުގެ ބިރު ސައިންސްވެރިން ފާޅުކޮށްފި އެވެ.

2023 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު އެ ފަރުބަދައިގެ އުސްމިނަކީ 4805.59 މީޓަރެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 2.22 މީޓަރުގެ ކުޑަވުމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން "އެލްޕްސް" ފަރުބަދަތަކަށް އަންނަ ބަދަލުތައް ފާހަގަ ކުރުމަށްޓަކައި އެ ފަރުބަދަތަކުގެ އުސްމިން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބަލަ އެވެ.

މާހިރުން ބުނާ ގޮތުގައި މި ދަށްވުމުގެ ސަބަބަކީ އެ ސަރަހައްދަށް އެކަށީގެންވާ ވަރަށް ވާރޭ ނުވެހުން ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް އޭގެ އަސްލު ސަބަބު ހޯދުމަށްޓަކައި އތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ސައިންސްވެރިން އިތުރަށް ވިދާޅުވަނީ މި ތަފާސް ހިސާބުތަކަކީ ނިންމުމެއް ނިންމަން އެކަށީގެންވާ ވަރުގެ މައުލޫމާތެއް ނޫން ކަމަށާއި ނިންމުމަކަށް އާދެވޭނީ ކުރިއަތް އޮތް ތަނުގައި ވެސް ފަރުބަދައިގެ އުސްމިން ބަލައިގެން ކަމަށެވެ.

މޮންޓް ބްލޭންކްއަކީ ފްރާންސް، އިޓަލީ އަދި ސްވިޓްޒަލޭންޑް ގުޅުވައިދޭ ބޯޑަރު ސަރަހައްދުގައި ހުންނަ ފަރުބަދަ އެކެވެ. މިއީ އެލްޕްސް ފަރުބަދަތަކުގެ އެންމެ ނަން މަޝްހޫރު ފަރުބަދަ އެވެ.