ބޮލީވުޑް ގެ އެންމެ ނަންހިނގާ މަޝްހޫރު ތިން ޚާނުންނަކީ ޝާހްރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން އެވެ. މިތިން ޚާނުންނަކީ ވޭތުވެދިޔަ 30 އަހަރު ތެރޭގައި ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ފަންނާނުންނެވެ.
މިތަރިންގެ މަގުބޫލުކަމުގެ ސަބަބުން އެމީހުންނަށް ތާއިދުކުރާ އެތައް މިލިއަން ފޭނުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުންގެ ފިލްމެއް ސިނަމާތަކާއި ހަމައަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބެ އެވެ. މި ތިން ޚާނުންނަކީ ބޮލީވުޑްގައި ނަން މަޝްހޫރު ތިން ޚާނުންނަށްވާއިރު މިތަނުން އެންމެ މުއްސަދީ ކޮން ޚާނެއްކަން އިނގޭ ހެއްޔެވެ.
ޝާހްރުކް ޚާން
މިއަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ ޕަތާން އާއި ޖަވާންގެ ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ. އެއާއެކު ޝާހްރުކް އަކީ މޮޅު އެކްޓަރެއްކަން މިވަނީ އަނެއްކާވެސް ސާބިތުކޮށްދީފަ އެވެ.
"ކިންގް ޚާން" ގެ ނަމުން މަޝްހޫރު އަދި ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކަކީ މިހާރު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނަގެ އަމިއްލަ ފިލްމު ކުންފުންޏަކީ ރެޑް ޗިލީޒް އެންޓަޓައިންމަންޓެވެ. ކެރިއަރަށް 30 އަހަރުވީ އިރު، ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން، 22، މިހާރު އަންނަނީ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އަދި ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން، 24، ވެސް ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަރަށް އަވަހަށް ނުކުންނާނެ އެވެ.
ޝާހްރުކްގެ އަންހެނުން ގޯރީ ޚާނަކީ އިންޑިއާގެ ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރަކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޝާހްރުކްގެ މިލިކިއްޔާތުގައި 6300 ކްރޯޑް ރުޕީސް އެބަހުއްޓެވެ. އާންމުކޮށް ޝާހްރުކް ފިލްމެއް ކުޅުމަށް ނަގަނީ 40 އާއި 100 ކްރޯޑް ރުޕީސް އެވެ.
ސަލްމާން ޚާން
ސަލްމާން ޚާނަކީ ބޮލީވުޑްގައި އެންމެ މޮޅު އެކްޓަރުން ތެރޭގައި ހިމެނޭ އެކްޓަރެކެވެ. އަދި ގިނަ ބައެއްގެ ލޯބާއި އިހުތިރާމް ލިބިފައިވާ އެކްޓަރެކެވެ. ފިލްމު ކުޅުމުގެ އިތުރުން ސަލްމާނަށް ރިއަލިޓީ ޝޯ ހުށައަޅައިދިނުމާއި އިޝްތިހާރު ކުޅެގެންވެސް އާމްދަނީ ލިބެ އެވެ."ބިގްބޮސް" އަކީ ސަލްމާން ހޯސްޓްކުރާ އެންމެ ބޮޑު ރިއަލިޓީ ޝޯ އެވެ.
އެކި ރިޕޯޓްތައް ބުނާގޮތުން ސަލްމާންގެ މިލިކިއްޔާތުގައި 2850 ކްރޯޑް ރުޕީސްގެ މުދާ އެބަހުއްޓެވެ. ސަލްމާން ފިލްމެއް ކުޅުމަށް 100 އާއި 150 ކްރޯޑް ރުޕީސްގެ ފީއެއް ނަގަ އެވެ. އަދި މީގެ އިތުރުން "ބިގްބޮސް" ހޯސްޓްކޮށްގެން ބޮޑު މުސާރައެއްވެސް ނަގަ އެވެ.
އާމިރު ޚާން
އާމިރު ޚާން ފާހަގަކުރެވިފައިވަނީ ބޮލީވުޑު ތަރިންގެ ތެރެއިން އެންމެ ފުރިހަމަ މަސައްކަތެއް ކުރަމުން އަންނަ ތަރިންގެ ތެރެއިން ގުނާ ލެވޭ ތަރިއަކަށެވެ. ނަމަވެސް އޭނާގެ އެންމެ ފަހުން ގެނެސްދިން ފިލްމުތަކަކީ އެހާ ބޮޑު ކާމިޔާބުތަކެއް ހޯދި ފިލްމުތަކެއް ނޫނެވެ. އެހެން ނަމަވެސް އާމިރު އަކީ ގިނަ ބައެއްގެ މަގުބޫލު އެކްޓަރެކެވެ.
ފިލްމުތަކުން އާމިރު ބްރޭކެއް ނެގި ނަމަވެސް، އޭނާ އަދިވެސް ބެލެވެނީ ބޮލީވުޑްގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ އެކްޓަރުންގެ ތެރޭގައި އެވެ.
އެކި މީޑިއާތަކުން ބުނާ ގޮތުގައި އާމިރުގެ މިލިކިއްޔާތުގައި 1862 ކްރޯޑް ރުޕީސްގެ މުދާ ހުންނާނެވެ. އާމިރު ފިލްމެއް ކުޅުމަށް ނަގަނީ 100 އާއި 150 ކްރޯޑް ރުޕީސް އެވެ.