ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" (ކުރީގެ ޓްވިޓާ) ގަތް މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭން އެ ކުންފުނީގެ މިހާރުގެ ވެރިޔާ އިލަން މަސްކް ނިންމުމުން އެ ނިންމުމާ ދެކޮޅަށް ކޯޓަށް ދާން އެ މައްސަލަ ބަލަމުން އަންނަ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ވަނީ އެ މުއާމަލާތާ ބެހޭ ގޮތުން ކުރާ އިތުރު ސުވާލުތަކަށް ޖަވާބު ދިނުމުގެ އަމުރެއް އިލަންގެ މައްޗަށް ނެރެދިނުމަށް އެމެރިކާގެ ފެޑެރަލް ކޯޓުގައި އެދިފަ އެވެ.

މި މައްސަލަ (އެސްއީސީ)އިން ކޯޓަށް ގެންގޮސްފައިވަނީ ތަހުގީގުގެ މަރުހަލާގައި އެ ކޮމިޝަންގެ އޮފިސަރުން އިލަންއަށް ފުރައްސާރަ ކުރި ކަމަށް ބުނެ މައުލޫމާތު ދޭން އިންކާރު ކުރުމުންނެވެ.

(އެސްއީސީ)އިން ބުނީ ޓްވިޓާ ވިއްކާލުމުގެ މުއާމަލާތުގައި މަކަރާއި ކޮރަޕްޝަންގެ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެެއީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ ނުރައްކާތެރި ކަންކަން ކަމަށެވެ.

މީގެ ކުރިންވެސް (އެސްއީސީ)އާއި އިލަންއާ ދެމެދު މައްސަލަ ހޫނުވެފައިވެ އެވެ. އެގޮތުން 2018 ވަނަ އަހަރު އިލަން ކުރި ޓްވީޓެއްގެ މައްސަލާގައިވެސް އެދެމެދުގައި ކަންތައްތަކެއް ހިނގާފައިވެ އެވެ.