އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކޮޅު ނުހައްދަވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ދަ ހިންދޫ ނޫހަށް ދިން އިންޓަވިއުގައި އެހެން ވިދާޅުވީ މަޝްވަރާކުރުމެއް ނެތި ކަމަށް އިންތިގާލީ ތަރުޖުމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އިއްޔެ ވަނީ އިންޑިއާގެ ދަ ހިންދޫ ނޫހަށް އިންޓަވިއުއެއް ދެއްވައިފަ އެވެ. އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް މުއިއްޒު ދެކޮޅު ނުހައްދަވާނެ ކަމަށެވެ.
ރައީސް ޞޯލިހުއާ މެދު ހިތްހަމަނުޖެހުނީ އެއްބަސްވުންތައް ސިއްރު ކުރުމުން ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި އެ އެއްބަސްވުންތައް ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ އިންތިގާލީ ތަރުޖަމާން ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް ނަޝީދު ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި އެ ވާހަކަތައް ދެއްކެވީ އިންތިހާބީ ރައީސްއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ މެދު މުއިއްޒު ގެންގުޅުއްވާ ސްޓޭންޑް ބަދަލް ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"އެ ވާހަކަފުޅަކީ އެއްވެސް ހާލެއްގައި އިންތިހާބީ ރައީސްއާ މަޝްވަރާ ކުރެވިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫން، އިންތިހާބީ ރައީސްގެ އިންޑިއާ އަދި ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުރުމަށް ދުވަހަކުވެސް ނުރުހެވޭނެއޭ."
މުއިއްޒަކީ "އެންޓި-އިންޑިއާ" އަދި "ޕްރޯ-ޗައިނާ" ބޭފުޅަކަށް ވެސް ނުވާނެ ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކުން މުއިއްޒަކީ ޕްރޯ-ޗައިނާ ބޭފުޅެއް ކަމަށް ސިފަ ކުރެއްވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އަށް ދައުވަތު ދެއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.