ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ ޖެނުއަރީ 17 ގެ ކުރިން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވެފައިވާ ވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ. ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރުން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ކަމަށެވެ. ހަބީބު ވިދާޅުވީ މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހު 17 ކަމަށާއި އެހެންވީމާ ޖެނުއަރީ 17ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

ހަބީބު ވިދާޅުވީ މޭޔަރުގެ މަގާމު ހުސްވުމުން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމަންޓު އޮތޯރިޓީ އެލްޖީއޭ އިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާނެ ކަމަށާއި އެކަން އެންގުމުން އެ އިންތިހާބު ބާއްވާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ މިހާރު ވަނީ ހަވާލުކުރައްވައިފަ އެވެ.

އެކަން ކުރައްވަނީ މުއިއްޒު ވިދާޅުވި ގޮތުގައި ޓްރާންސިޝަނަލް މުއްދަތުގައި އެކަމަށް ވަރަށް ވަގުތު ދޭން ބޭނުން ވާތީ އެވެ. އެހެން ނޫނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ އިރު، ފުރިހަމަ އަށް ތައްޔާރު ނުވެވިދާނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސިޓީ މޭޔަރުގެ މަގާމަށް މީހަކު އިންތިހާބު ކުރާއިރު މިހާތަނަށް މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވަނީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެކަންޏެވެ.