ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުންނަށް ސަރުކާރަށް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުކޮށް އެ މައްސަލަތައް ބެލުމަށް ޑިމޮކްރެޓްސްގެ މެމްބަރުން ގޮވާލައިފި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް އެމްޑީޕީން މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ޑިމޮކްރެޓްސްގެ މެމްބަރުން ބުނެފައިވަނީ ރައީސް ނަޝީދުގެ މައްސަލަ އަނެއްކާވެސް ހުށަހަޅަން އުޅެނީ ސަރުކާރުގެ ވައްކަން ފޮރުވަން ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން ބަލަން އައި ސަރުކާރެއް ކަމަށް ބުނެ، އެމްޑީޕީ ވައްކަމުގެ ނެޓްވޯކަކަށް ބަދަލުކޮށްލައި، އަދި ވައްކަމުގެ ފަސް އަހަރު ދުއްވާލާފައިވާތީ މޫނެއް ކަނދުރާއެއް ބެލުމެއް ނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ޤައުމުގެ ހަމަޖެހުން ނުލިބޭނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އިން އަބަދުވެސް ވަކާލާތު ކުރަނީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެމްޑީޕީ ސަރުކާރާއި ރައީސް ޞޯލިހު ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ ހުށަހަޅަނީ ސަރުކާރާއި ރައީސް ޞޯލިހުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ދައްކަތީވެ އެ އަޑު ކަނޑުވާލަން ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް 39 މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެ އެވެ. އެ މައްސަލަ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ނިންމައިފަ އެވެ.