މާލޭގެ ފިހާރައެއްގެ ތެރޭގައި އިން ބިދޭސީ ސޭޓަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި އަންހެނެކެވެ.

ޒަހަމްވި ބިދޭސީ މީހާއަށް އިއްޔެ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެމީހާ އަށް ސީރިއަސް އަނިޔާއެއް ނުވާ އިރު، ހާލު ރަނގަޅެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މަޖީދީ މަގުގައި ހުންނަ "ޑްރީމް މޮބައިލް ޕްލަސް" ފިހާރައިގަ އެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ފިހާރަ އަށް ވަދެ، އަތުގައި އޮތް ފޯން ދައްކާލަ އެވެ. ކައުންޓަރުގައި އިން ސޭޓު ފޯނުތައް ލާފައިވާ ވަތްގަނޑުން ފޯނެއް ނަގަ އެވެ. ދެން ފެންނަނީ އެ އަންހެން މީހާ އެ ފޯނު ބަލާލާފައި ކައުންޓަރު މައްޗަށް އެއްލާލައި ތަނެވެ.

އެއަށް ފަހު، ފުރަގަސްދީ، ހެދުމުގެ ތެރޭގައި އޮތް ވަޅިން ހަމަލާދެ އެވެ. ބިދޭސީ ސޭޓުގެ ވަޅި އެޅިފައިވަނީ ކަރުގެ އަރިމަތީގަ އެވެ.