ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 48 މެމްބަރުންގެ ސޮޔާއެކު މިރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިކަން އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. މާދަމާ އެކަމާ ގުޅޭ ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅެގޮތުން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ. އެބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސް ކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާއިރު އެމައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖް އެއްގައި ވިދާޅުވީ މިދައުރުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަންނަން ދަތި ވާނެ ކަމަށެވެ. އެމައްސަލަ ކުރިއަށް ގެންދެވޭނީ އަންނަ ދައުރުގައި ކަމަށް ވެސް ވިދާޅުވި އެވެ.