ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ދެ ރުފިޔާގެ ފީ، 50 ލާރިއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް މިއަދު ހުށަހަޅުއްވައިފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ވިޔަފާރި ކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ޓެކްސްގެ ގޮތުގައި ދެ ރުފިޔާ ނެގުމަށް ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެ މަސައްކަތް ފެށިފައިވަނިކޮށް މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާ އެކު އެ ބިލުގެ މަސައްކަތް ވެސް ވަނީ ގިނަ ދުވަސްތަކަކަށް ހުއްޓިފަ އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި ބިލަށް ވާހަކަދައްކަވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ޕްލާސްޓީކު ކޮތަޅުން ނަގާ ފީ ބޮޑު ކުރުމުން އެކަމުގެ ތަކުލީފް ރައްޔިތުންނަށް މާ ބޮޑު ކަމަށެވެ. ކޮތަޅުން ނަގާ ފީތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ ތަކެތީގެ އަގު ބޮޑުވެފައިވަނިކޮށް ކަމަށާއި އެހެންކަމުން އެކަމުން ގެއްލުން ވަމުންދިޔައީ އާންމު ރައްޔިތުންނަށް ކަމަށެވެ.

ސަލީމް ހުށަހެޅުއްވީ ރޯމަސް އުފުލުމަށާއި ކުނިވާ ޒާތުގެ ތަކެތި އުކާލުމަށް ބޭނުންކުރަން ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށް ސަލީމް ހުށަހެޅުއްވި އެވެ.

މީގެ އިތުރަށް ސަލީމް ހުށަހެޅުއްވީ ޕްލާސްޓީކު ކޮތަޅުން މިހާރު ނަގާ ދެ ރުފިޔާގެ ބަދަލުގައި 50 ލާރި އަށް އަގު ކުޑަކުރުމަށެވެ.