ހުޅުމާލޭގެ ހިޔާ ފްލެޓެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ޓެކްސީއަށް އަރުވަން ދެކޮޅު ހެދި ޓެކްސީ ޑްރައިވަރުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓެއްގެ 12 ވަނަ ފަންގިފިލާއިން ކުޑަ ކުއްޖަކު ވެއްޓި މަރުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.

އެ ކުއްޖާ ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިއުމަށް އެތަނަށް އެ ވަގުތު އައި ޓެކްސީ އަށް އަރުވަން ދެކޮޅު ހެދިކަމަށް އެތަނުގައި ތިބި މީހުން ބުނެ އެވެ. އެ ކުއްޖާ ކާރަށް އަރުވަން ދެކޮޅު ހެދީ ގިނަ އަދަދަކަށް ލޭ ހުރުމުން ކާރުގެ ފަހަތު ސީޓު ހަޑިވެދާނެ ކަމަށް ބުނެ އެވެ.

އެ ކުއްޖާ ވެއްޓުނު މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ހުރިހާ" އަށް ވިދާޅުވީ ކުޑަކުއްޖާ ވެއްޓުނު މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެދުމުން ކާރުގެ ސީޓު ހަޑިވެދާނެ ކަމަށް ބުނެ ކާރަށް ނޭރުވި ޑްރައިވަރުގެ މައްސަލަ ވެސް ބަލަމުން ގެންދާ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް ދޭއް ހިޔާ ފުލެޓުގެ ޓަވަރަކުން ވެއްޓުނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓުނުތާ މާގިނައިރެއް ނުވެ ވަނީ މަރުވެފަ އެވެ. އަދި ވެއްޓުމާ ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދޭން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެ ކުއްޖާ ބޯކޮޅު ވަތަށް ވެއްޓި ފުރަތަމަ ޖެހުނީ ޕާކުކޮށްފައި އޮތް ކާރެއްގެ މަތީގަ އެވެ. އަދި ކާރުގައި އެ ކުއްޖާގެ ފައި ޖެހިފައި ގޮސް ބޯ ބިން މަތީގައި ޖެހި ފަޅައިގެން ގޮސް ލޭގަނޑު ބުރައިގެން ގޮސްފައިވެ އެވެ.