މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދިވެއްސަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ށ. ފޭދޫ / ފުރެސްހާޓް، ހުސައިން އިޔާޒް އަހަމަދު ކިޔާ މީހަކު ހޯދަމުން އަންނަ ކަމަށެވެ.

އޭނާ އެކި މީހުންގެ އަތުން ފައިސާ ނަގާފައި ވަނީ މުދާ ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެންނެވެ. އެގޮތުން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު ބައެއްގެ އަތުން ވެސް އޭނާ ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން އޭނާ ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ދާދި ފަހުން ވަނީ ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކެއް ވެސް ފެންމަތިވެފަ އެވެ.