މިއަދުން ފެށިގެން މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މިޑް ޓާމް ޗުއްޓީ ފެށުނީ އެވެ. ހަފްތާއެއްހާ ދުވަސް ބަންދަށް ލިބުމާއެކު އާދައިގެ މަތިން ދިވެހިން މިވަނީ އެކި ތަންތަނަށް ފުރަފުރައިގެން ދާން ފަށާފަ އެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކާއި ރާއްޖެތެރޭގެ އެކި ރަށްރަށުގެ އިތުރުން ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދާ ދިވެހިންގެ އަދަދުވެސް މި ދުވަސްކޮޅު އިތުރުވާނެ އެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވި ވިޔަފާރިއެއްގެ އިސްވެރިއަކު ވިދާޅުވީ ދިވެހިންގެ ދަތުރުފަތުރު ކުރުމުގެ ވައްޓަފާޅި މަޑުމަޑުން ބަދަލުވަމުން އަންނަ ކަމަށެވެ.

އެގޮތުން ބަލާއިރު ލިބޭ ކުރު ޗުއްޓީތަކުގައި ރިސޯޓުތަކަށް ދާ ދިވެހިންގެ އަަދަދު ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެއާއެކު އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށްދާ މީހުންވެސް ނިސްބަތުން އިތުރުވެފައިވާ ކަމަށާއި އެންމެ މަގްބޫލު ތަންތަނުގެ ތެރޭގައި ހިމެނެނީ ތައިލެންޑް، ދުބާއީ، މެލޭޝިއާ އަދި ކޮލަމްބޯ ފަދަ ގައުމުތަކެވެ.

ރިސޯޓުތަކާއި ބޭރު ގައުމުތަކަށް ދިއުމުގެ ބަދަލުގައި އަތޮޅު ތެރޭގެ ރަށްރަށަށް ދިއުން މާ ބުއްދިވެރި ކަމަށް ފެނެ އެވެ. ސަބަބަކީ ކުޑަ އަގެއްގައި ދިވެހި ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ވެސް ބަލާލުމުގެ ފުރުސަތު ލިބުމެވެ.

އެހެން ކަމުން ކޮންމެ ޗުއްޓީއެއްގައި ވެސް ކުރިން ނުދާ ރާއްޖޭގެ ކޮންމެވެސް ރަށަކަށް ދިއުން ކިހިނެއް ވާނެ ހެއްޔެވެ؟ ރާއްޖޭގައި މީހުން ދިރިއުޅޭ 100 އަށްވުރެ ގިނަ ރަށް އޮތްއިރު އެ ހުރިހާ ރަށަކަށް ދާން އަޒުމު ކަނޑައަޅަން ކިހިނެއްވާނެ ހެއްޔެވެ؟

ނަތީޖާއަކަށްވާނީ އެކަމަށް ހޭދަވާ ފައިސާ ދިވެހި އިގްތިސާދުގެ ތެރޭގައި ހަރުލައި އެކަމުން އިގްތިސާދީ ކުރިއެރުން ވެސް ލިބި ދިގު މުއްދަތުގެ ފައިދާތައް ލިބުމެވެ.

މިއީ މި ޗުއްޓީއާ ގުޅިގެން ތަންތަނަށް މީހުން ފުރަފުރައިގެން ދާއިރު ވިސްނާލުން ރަނގަޅު ކަމެއް ކަމަށް ފެންނާތީ ހިއްސާ ކޮށްލީ އެވެ.