އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީ އިން މަޖިލީހުގެ ފަސް ގޮނޑިއަށް ވާދަކުރަން އެޕާޓީގެ ކައުންސިލްގައި މަޝްވަރާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ މާޗް މަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ފަސް ދާއިރާއަކަށް ވާދަ ކުރުމަށް އަދާލަތު ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ކައުންސިލްގައި ނިންމާފައި ވަނީ ވަކި ދާއިރަތަކެއް ކަނޑައެޅުމުގެ ކުރީން އެ ޕާޓީގެ ގޮފިތަކާއި ދާއިރާތަކާއި އިތުރަށް މަޝްވަރާ ކުރުމަށް ނިންމައިފަ އެވެ.
އަދާލަތު ޕާޓީން ވާދަ ކުރާނެ ދާއިރާތައް ނިންމާނީ އެގޮތަށް މަޝްވަރާކުރުމަށް ފަހު ކަމަށް އަދާލަތު ޕާޓީ އިން ބުނެ އެވެ.
އަދާލަތު ޕާޓީ އަކީ މިހާރު އެމްޑީޕީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ދެން އޮންނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ.
އަންނަ މަޖިލީހުގެ ދައުރުގައި ބައެއް ދާއިރާތަކަށް ކިޔާ ނަންނަމަށާއި، ދާއިރާތަކަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ.