މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 22 ގައި ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑަށް އެކަށިގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އެވޯޑް ހަފުލާ ކެންސަލްކޮށްފައިވާ ކަމަށެވެ.

16 ދާއިރާއަކުން ޒުވާނުންގެ އެވޯޑަށް ކުރިމަތިލާން މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ. އަދި އެ އެވޯޑަށް ކުރިމަތިލާން ދިން ސުންގަޑި މިދިޔަ މަހުގެ 26 އަށް ވަނީ ހަމަވެފަ އެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.