ފަލަސްތީނާ އެކު ދިވެހިން ތިބިކަން ދައްކާލުމަށް މުޅި ރާއްޖޭގައި ބާއްވާ "ބޮޑު ހިނގާލުން" މިއަދު ހަވީރު އޮންނާނެ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕއިން (އައިއޭސީ) އިން ބުނެފި އެވެ.

އައިއޭސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު އަލީ ވިދާޅުވީ ފަލަސްތީނާ އެކު ދިވެހިން ތިބިކަން ދައްކާލުމަށް މިއަދު މާލެ އާއި އަތޮޅުތެރޭގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހާއްސަ ސައިކަލު ބުރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ. އެ ހަރަކާތް ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުން އެވެ.

މިއީ ފަލަސްޠީނަށް އޮތް ލޯބި މުޅި ދުނިޔެ އަށް ހާމަކޮށް، ވެވެން އޮތްގޮތަކަށް އެހީވާންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތުގައި ވީހާ ވެސް ގިނަ ދިވެހީން ބައިވެރިވުމަށް މުހައްމަދު އަލީ އެދިވަޑައިގެންނެވި އެވެ. އަދި ހިނގާލުމުގައި ބައިވެރިވާން އަންނަ އިރު ފަލަސްތީނުގެ ދިދައިގައި ހިމެނޭ ކުލަތައް، ފެއްސާއި، ރަތާއި، ހުދު އަދި ކަޅު ބޭނުން ކުރުމަށް ވެސް އަލީ އެދިވަޑައިގެންނެވި އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ވެސް މިއަދު ހަވީރު މި ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކަށާއި ސިޔާސީ ޕާޓީތަކަށް މި އެއްވުމުގައި ބައިވެރިވުމަށް އައިއޭސީ އިން ގޮވާލަ އެވެ.