އިޒްރާއީލުގެ ރައްޔިތުން ދިވެހި ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ގޮވާލާ މި ގަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ކުށްވެެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް މި ޤަރާރުގައި ގޮވާލާފައިވެ އެވެ.
ގަރާރުގައި ބުނެފައި ވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހި ރާއްޖެ އިން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެ ބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިޒްރޭލު ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމްވުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށް ވެސް މި ޤަރާރުގައި ބުނެފައިވެ އެވެ.
ސައުދު ހުށަހެޅުއްވި ގަރާރުގައި އިތުރަށް ބުނެފައި ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާމެދު ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށާއި، އިޒްރޭލުގެ އުފެއްދުންތަކާ އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެވެ.
އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް ގާއިމްކޮށްފައިވާ ނަމަ އެފަދަ ހުރިހާ ގުޅުމެއް ސަސްޕެންޑުކޮށް އިޒްރޭލުން ހިފަމުންދާ ފަލަސްތީންގެ ހުރިހާ ބިންތަކުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުމަށް ވެސް މި ގަރާރުގައި ސައުދު ގޮވާލާފައިވެ އެވެ.
އަނިޔާވެރި ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމެއްގެ ގޮތުން ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިން ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ކުއްލި ހަމަލާތަކުގެ ސަބަބުން އިޒްރޭލްގެ 1،200 މީހުން މަރާލައި، 100 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުން މިހާރު ވަނީ ގާޒާގައި ފެނާއި ކަރަންޓުގެ ހިދުމަތް ކަނޑާލައިފަ އެވެ.