ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އިންޑިއަން ރިއަލިޓީ ޝޯ ކަމަށްވާ ބިގް ބޮސްގެ ސީޒަން 17 ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. ކަލާޒް ޓީވީއިން ގެނެސްދޭ މިރިއަލިޓީ ޝޯ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވަ ޖަހާއިރު ފެށިގެންދާއިރު މިޝޯ މީޑީއާނެޓުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިފަހަރުގެ ސީޒަންގައިވެސް މަގުބޫލު ޓީވީ ތަރިންނާއި ސޯޝަލް މީޑިއާގެ މަގުބޫލު ފަންނާނުން ފެނިގެންދާނެ އެވެ.

މި އަހަރު ވެސް މި ޝޯ ހުށައަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން އެވެ. އޭނާ އަންނަނީ 2010ގައި ބިގްބޮސް ސީޒަން ހަތަރަކުން ފެށިގެން ޝޯ ހުށައަޅަމުންނެވެ.

މިފަހަރުގެ ސީޒަން އެހެން އަހަރުތަކާއި ވަރަށް ތަފާތު ކޮންސެޕްޓަކަށް ގެންދިޔުމަށް ޝޯ އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ބިގްބޮސް ގޭގައި މޯބައިލް ފޯނު ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. މީގެ އިތުރުން މިފަހަރުގެ ސީޒަންގައި ކައިވެނިކޮށްގެން އުޅޭ މަޝްހޫރު ތަރިންވެސް ބައިވެރިވާނެ އެވެ. މިއީ ބިގްބޮސް ތާރީހުގައިވެސް ފެނިގެން ގޮސްފައިވާ ކަންތައްތަކެއް ނޫނެވެ.

މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ ތަރިންނަކީ ބަތަލާ އަންކިތާ ލޮކާންޑޭ އާއި އޭނާގެ ފިރިމީހާވިކީ ޖޭން އަދި ބަތަލާ އައިޝްވާރިޔާ ޝަރްމާ އާއި އޭނާގެ ފިރިމީހާ އެކްޓަރު ނީލް ބަޓްގެ އިތުރުން މުނާވަރު ފާރޫކީ، އަނޫރާގް ޑޮބާލް، ސަނީ އާރިޔާ ހިމެނެ އެވެ.

މިއަހަރު ސަލްމާން ވަނީ ބިގް ބޮސް އޯޓީޓީގެ ދެވަނަ ސީޒަން ވެސް ހޯސްޓްކޮށްފަ އެވެ. މި ޝޯގެ ފުރަތަމަ ސީޒަން ހޯސްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ. ބިގް ބޮސް އޯޓީޓީ 2 ގެ ޗެމްޕިއަންކަން ޔޫޓިއުބަރު އެލްވިޝް ޔާދާވް ހޯދިއިރު، ޓީވީ ރިއަލިޓީ ޝޯގެ ފުރަތަމަ އޯޓީޓީ ސީޒަން ކާމިޔާބުކުރީ ދިވްޔާ އަގްގަރްވާލް އެވެ.

ކަލާޒް އިން "ބިގް ބޮސް 16" ކާމިޔާބުކުރީ މަޝްހޫރު ރެޕާ އެމްސީ ސްޓޭން އެވެ.