އަންހެނުންނަށާއި ޒުވާނުންނަށް ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ގިނަ މަގާމުތަކެއް ހާއްސަކޮށް އެޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދް ބަަޝީރު ވިދާޅުވީ އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ ތެރެއިން ގައުމީ ފެންވަރުގައާއި، ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސިޓީއެއްގައި މަގާމުތަކެއް ހާއްސަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑާޝިޕްގެ ގިނަ މަގާމުތަކެއް އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަކުރެވިފައިވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކުރިމަތިލާން ފޯމު ފުރުމަށްފަހު ފޮނުވާއިރު އެ ކެނޑިޑޭޓަކަށް ތާއީދުކުރާ އަދި އަތޮޅެއް، ސިޓީއެއް، ރަށެއް ނުވަތަ ދާއިރާއަކަށް ނިސްބަތްވާ، މަދުވެގެން 20 ޑިމޮކްރެޓެއްގެ ނަމާއި މައުލޫމާތު ތާއީދު ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭ ކަމަށެވެ.

ބަޝީރު ވިދާޅުވީ ދާއިރާތަކުގެ ހިންގާ ކޮމިޓީއެއް ޑިމޮކްރެޓްސްގައި ނޯންނާނެ ކަމަށާއި އޭގެ ބަދަލުގައި އޮންނާނީ ދާއިރާ ރައީސްއެއް ކަމަށެވެ.

ބަޝީރު ވިދާޅުވީ މިފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް ޕާޓީއަށް ވަންނަ ކޮންމެ މެމްބަރަކަށް މަޤާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.