އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއު އަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގަަައްޔޫމު ތައުރީފް ކުރައްވައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިއްޓަވިއުއަކީ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއު އެވެ.

މި އިންޓަވިއު އަލްޖަޒީރާ އިން އިއްޔެ ވަނީ ދުރަށް ދައްކައިފަ އެވެ. މި އިންޓަވިއު ބެލުމަށްފަހު ކުރީގެ ރައީސް މައުމޫނު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެއީ ވަރަށް ފުރިހަމަ އިންޓަވިއުއެއް ކަމަށާއި ރައީސެއްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރުމުގައި ކާމިޔާބީއަށް އެދޭ ކަމަށެވެ.

ރައީސް މައުމޫންގެ އެ ވާހަކަފުޅަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިއީ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅަކު މިފަހުގެ ތާރީހުގައި ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުލުތައް ހަމައެގޮތުގައި ފުއްދަވާނެ ކަމަށް ތަކުރާރުކުރައްވާ ޔަޤީންކަން ދެއްވައިފަ އެވެ.

އެގޮތުން އެ އިންޓަވިއުގައި އިންތިހާބީ ރައސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭގޮތުންނާއި، ޗައިނާއާ އެކު ބާއްވަން ބޭނުންވާ ގުޅުމާ، ކޮރަޕްޝަންގެ މައްސަލަތަކާ މެދު އަމަލު ކުރާނޭ ގޮތާއި، ޖުޑީޝަރީ އިސްލާހު ކުރުމާއި، އިންޑިއާއާ އެކު ބާއްވަން ބޭނުންވާ ގުޅުމާ އަދި ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއި، އާ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޕްރެޒެންޓަރު ސާމި ޒެއިދަން ކުރައްވަމުން ގެންދެވި ސުވާލުތަކަށް ޑރ. މުއިއްޒު ވަނީ ވަރަށް އިތުބާރާއި ފުރިހަމަކަމާ އެކު ޖަވާބު ދެއްވައިފަ އެވެ.

ޑރ. މުއިއްޒުގެ އިންޓަވިއުއަށް ގިނަ ބައެއްގެ ތައުރީފުލިބިފައިވާއިރު، އެމަނިކުފާނުގެ ކޮންމެ ވާހަކަފުޅެއްގައި ބަހާ އަމަލާ ދިމާކުރައްވާނެކަމަށް ވިދާޅުވެ އެ ވާހަކަތައް ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.