ހަތަރު އަހަރަށްވުރެ ގިނަ ދުވަސްފަހުން އަދާލަތު ޕާޓީގެ ރައީސް ކަމަށް ހުޅުވާލުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވާދަކުރައްވަން ނުކުންނެވީ އިމްރާންގެ ވަފާތެރި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސިޔާސީ ގޮތުން ޕާޓީގެ މާބޮޑު ހަރަކާތެއް މީގެ ކުރިން ނުފެންނަ ޑރ. ޒާހިރު ނުކުންނެވުމުން ގިނަ ބަޔަކު ދަނީ އެތައް ސުވާލެއް އުފައްދަމުންނެވެ. އެއް ބަޔަކު ބުނަނީ ޑރ. ޒާހިރު އެ މަގާމަށް ނުކުންނެވީ ނަމެއްގައި ވާދަކޮށްލުމަށެވެ. އަދި އެއީ ވާދަވެރި އިންތިހާބެއްކަން ދެއްކުމުގެ ބޭނުމުގައި ކުރިމަތިލެއްވި ބޭފުޅެއް ކަމަށް ވެސް އެއް ބަޔަކު ބުނެ އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ ޝެއިޚް އިމްރާން ބޭނުންފުޅުވަނީ މިއީ ވާދަވެރި އިންތިހާބެއްކަން ދައްކަން. ހަގީގަތުގައި އިމްރާނާ ވާދަކޮށްލެވޭވަރުގެ ބޭފުޅަކަށް ފުރުސަތެއް އިމްރާން ނުދެއްވާނެ،" އެ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޕާޓީގެ ރައީސްގެ ރައީސްކަމަށް އިމްރާން ވަނީ ބޮޑު ލޯންޗިން ހަފުލާއެއް ވެސް ސޯލްޓް ރެސްޓޯރަންޓްގައި އިއްޔެ ރޭ ބާއްވައިފަ އެވެ. އެ އިވެންޓްގައި އިމްރާންގެ ސިޔާސަތުތަކަށް އަބަދުވެސް ތަބާވާ ޑރ. މުހައްމަދު އިޔާޒް އާއި ޝެއިޚް އިލްޔާސް ހުސެއިން އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަދަ ބޭފުޅުން ތާއީދުކޮށް ވާހަކަދެއްކެވި އެވެ. ނަމަވެސް އިންތިހާބު މިމަހުގެ 30ގައި ބާއްވާއިރު ޑރ. ޒާހިރުގެ ކެމްޕޭންގެ ހިލަމެއް މިހާތަނަށް ނުވެ އެވެ.

ޑރ. ޒާހިރުގެ ކެމްޕޭން ކުރިޔަށްދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާނެ މީހަކު ވެސް ނުވި އެވެ. މަޑުމަތިރި، ބަސް މަދު ޑރ. ޒާހިރަށް "ހުރިހާ" އިން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ޑރ. ޒާހިރާއެކު އުޅުއްވާ ބޭފުޅަކު ވިދާޅުވީ، އިމްރާނާ ހިލާފަށް ކެމްޕޭން ހަރަދު ބޮޑުކޮށް ލޯންޗްކުރުމެއް ޑރ. ޒާހިރު ނުގެންގުޅުއްވާ ކަމަށެވެ.

"މިއީ ދީނީ ޕާޓީއެއްވީމަ ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ނުކުރާނެ. ބޮޑު ހަފުލާއެއް ނުބޭއްވި ނަމަވެސް އަޅުގަނޑުމެން ވެސް ވޯޓު ހޯދަން މަސައްކަތް އެބަކުރަން،" އޭނާ ވިދާޅުވި އެވެ.

ޑރ. ޒާހިރު އިމްރާނާ ވާދަކުރައްވަނީ ނަމެއްގައިތޯ ދެންނެވުމުން އެ ބޭފުޅާ ވިދާޅުވީ ވާދަވެރި އިންތިހާބެއް ކަމަށް ގިނަ މީހުން ގަބޫލުކުރަނީ މުޅިން މުޅިން ދެކޮޅު މީހަކު ނުކުތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ބޭރު ތެރެއަށް ނުކުމެ ވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫން. އިމްރާނާ ވާދަކުރަން ނުކުމެ މިތިބީ. އެކަމަކު ނަތީޖާއަކީ ކޮންމެ ގޮތަކަށް ވެސް ހިނގައިދާނެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "އިވޭ އަޑުތަކާ ބަލާއިރު ވޯޓު ދޭނަމޭ ވެސް އެބަ ބުނޭ. ކާމިޔާބު ވެސް ލިބިދާނެ."