އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުން އަންނަ ފެރީގެ ހިދުމަތަށް ފައިސާ ދެއްކުން އާރްޓީއެލް ޓްރެވަލް ޕްލެޓްފޯމަށް ބަދަލުކޮށްފި އެވެ.

އެމްޓީސީން ބުނީ ގްރޭޓާ މާލެ ސަރަހައްދުގެ ފެރީ ހިދުމަތަށް ފަސޭހައިން ޓިކެޓް ނެގޭނެ ގޮތް ހެދުމަށް މާލެ- ވިލިމާލެ، މާލެ ތިލަފުށި، މާލެ ގުޅީފަޅު އަދި މާލެ- ހުޅުމާލެ ފެރީ ހިދުމަތަށް ޓީކެޓް ނެގުމުގެ ނިޒާމް އާރުޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނެގޭނެ ކަމަށެވެ.

ގްރޭޓާ މާލެ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔުއާރު ޓިކެޓް ގަނެގެންނާއި ބޭންކުތަކުން ދޫކޮށްފައިވާ ޑެބިޓް ކާޑާއި މާސްޓާ ކާޑާއި ވިސާ ކާޑުން ޓާމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުތަކުގައި ޖެއްސުމުން ޓިކެޓް ނެގޭނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

އާރުޓީއެލް ޓްރެވެލް އެޕް އެޕަލް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެމްޓީސީސީން ބުނީ ޓްރެވަލް އެޕުން އެއްފަހަރާ 10 ޓިކެޓާ ހަމައަށް ޓިކެޓް ގަނެވޭނެ ކަމަށެވެ. އަދި މިގޮތަށް ގަންނަ ޓިކެޓުން ސިންގަލް ޖާނީއަށް ގަންނަ އެންމެ ދަތުރެއްގެ ޓިކެޓު ހަތް ދުވަހުގެ މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެ ކަމަށާއި ވިލިމާލެ އާއި ތިލަފުއްޓަށް ގަންނަ މަލްޓިޕަލް ޖާނީ ޓިކެޓް 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ ޓިކެޓިންގެ ނިޒާމަށް ގެނައި ބަދަލާ ގުޅިގެން، ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މި ކާޑުތައް ޓޮޕްއަޕް ކުރެވޭނީ ޑިސެމްބަރު 1 ގެ ނިޔަލަށް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.