ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަމުން އަންނަ ފީ ކުޑަކުރުމަށް މަޖިލީހަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހު ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލު ގާނޫނަކަށްވެ، މާޗް މަހުގެ ފަހު ހަފްތާއިން ފެށިގެން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ވަނީ ފަށައިފަ އެވެ. އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރުކުރާ އިރު ވެސް ކޮތަޅުން ފީ ނަގަމުން ދާއިރު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ވަނީ ބޮޑުވެފަ އެވެ.

އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ މާޗް މަހު މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް މިއަދުގެ މަޖިލީސް ޖަލްސާގަައި ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ ވޯޓާ އެކު އެވެ. އެއީ ޓެކްސް އާ ގުޅުންހުރި ބިލަކަށްވާތީ، އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ދެ ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުމަށް، ކުނިމެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާހު ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މި ބިލު ދިރާސާކުރުމަށް މިހާރު ކޮމިޓީއަށް ފޮނުވާފައިވާ އިރު، މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ކޮތަޅު ފީ، 50 ލާރިއަށް ކުޑަކުރުމަށް ހުށަހަޅުއްވައިފަ އެވެ. އޭގެ އިތުރުން އޭނާގެ އިސްލާހުގައި ހުށަހަޅާފައިވަނީ ގަނޑުކޮށް ކޮތަޅު ގަތަސް ބިން ލައިނާ ފަދަ ބޭނުންތަކަށް ގަނޑުކުރި މަސް ނުވަތަ ރޯމަސް ފަދަ ތަކެތި އެޅުމުގެ ބޭނުމަށް ގަންނަ ކޮތަޅުން ނެގޭ ޓެކްސް އެއިން އިސްތިންނާ ކުރުމަށެވެ. އަދި ރީޓެއިލް ފިހާރަތަކާ ކެފޭތަކަށް އިދާރީ ގޮތުން ބުރަ ނުވާނޭ ފަދަ ގޮތަކަށް ޔުނިފޯމް ޓެކްސްއެއްގެ ގޮތަށް ޓެކްސް ތައާރަފް ކުރުމުގެ އިތުރުން ކޮތަޅަށް ނަގާ ފީ 50 ލާރިއަށް ދަށްކުރުމާއި ކޮންމެ އަހަރަކު އެ ފީ މުރާޖާ ކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.