ފާރިސް މައުމޫން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ވަދަކުރައްވަން ނިންމަވައިފި އެވެ.

މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ނިކުންނަވާނެކަން ހާމަކުރައްވާ ފާރިސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިއްމުކަން ބޮޑު ކަމަށެވެ. އެހެންވެ، އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންނެވި އެވެ.

މި އިންތިހާބަށް ފާރިސް ބޭނުންކުރައްވާ ސްލޯގަން އަކީ "ވާހަކަދައްކާނެ/ދެއްކޭނެ" އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފާރިސް ވާދަކުރެއްވި އެވެ. ފާރިސްއަށް ލިބިވަޑައިގަތީ 3,190 ވޯޓެވެ.

ފާރިސްއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. އޭރު އޭނާއަކީ ދިއްގަރު ދާއިރާގެ މެމްބަރެވެ. ފާރިސް ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ވަކި ހިސާބަކުން ހުސްވުމުން ބޭއްވި ބައި-އިލެކްޝަނެއް ކާމިޔާބު ކުރައްވައިގެންނެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ފާރިސް ނުކުންނެވީ މައްޗަންގޮޅި އުތުރަށެވެ. އެހެން ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ މެމްބަރެވެ.